ހދ. ނޭކުރެންދޫގައި ޕިކަޕެއް ދަށުވެގެން ދޮޅު އަހަރުގެ ފިރިހެން ކުއްޖަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
ނޭކުރެންދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ 02 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ގޭ ދޮރުމަތީގައި ޕިކަޕް ދުއްވަނިކޮށް އޭގެ ކުރިމައްޗަށް ކުޑަކުއްޖާ އެރުމުން އޭގެ ދަށުވެގެންނެވެ. އެ ވަގުތު ޕިކަޕް ދުއްވަން އިނީ ކުޑަކުއްޖާގެ މަންމަގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށް އޭނާ ބުންޏެވެ. އެ އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ކުޑަކުއްޖާގެ ބޮލަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ޕިކަޕުގައި ޖެހިގެން މީގެ ކުރިން ވެސް ނޭކުރެންދޫގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ ހާދިސާގައި އަނިޔާވި ކުއްޖާ މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެނބުރި ރަށަށް ދިޔަތާ އަދި ހަފުތާއެއް ނުވެ އެވެ. އެފަހަރު ޕިކަޕް ދުއްވަން އިނީ މިއަދު ޕިކަޕް ދުއްވަން އިން ކުއްޖާގެ ބައްޕަ އެވެ.
މި ހާދިސާއާ ގުޅިގެން ކުޑަކުއްޖާގެ އާއިލާގެ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާތީ އާއިލާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި ފުލުހުން ވެސް ބުނީ އާއިލާ އަށް ވަރަށް ބޮޑު ޝޮކެއް ލިބިފައިވާތީ މި ދަނޑިވަޅު މީޑިއާ އަށް މައުލޫމާތު ދިނުން ރަނގަޅު ނޫން ކަމަށެވެ.
"ހަވީރަށް" އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ވަގުތު ކުޑަކުއްޖާގެ ބައްޕަ ހުރީ މާލެއިން ރަށަށް ދާ މަގުމަތީގަ އެވެ. އަދި ކުޑަކުއްޖާއަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތ. މަޑިފުށީގައި ވެސް އިއްޔެ ވަނީ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެފަ އެވެ.
No comments:
Post a Comment